އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ހައްދުންމައްޗަށް ތަޖުރިބާ ދަތުރެއް ކުރައްވަމުން އެބަގެންދަވާ

މިހިނގާ އޭޕްރީލް މަހުގެ 2 ން 5 އަށް އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ހައްދުންމައްޗަށް ތަޖުރިބާ ދަތުރެއް ކުރައްވަމުން އެބަގެންދަވައެވެ. މިދަތުރުގައި އަރިއަތޮޅު ދެކުނުބުރީ ކައުންސިލްގެ 3 މެމްބަރުންނާއި، އިދާރީ 8 މުވައްޒަފުން ބައިވެރިވަޑައިގަތެވެ. މިދަތުރަކީ އެކައުންސިލްގެ ހިންގުން ހަރުދަނާކުރެއްވުމުގެ ގޮތުން އެހެން އަތޮޅުތަކުގެ އިދާރީ ހިންގުމާއި ކައުންސިލްގެ ފުދުންތެރިކަން އިތުރުކުރުމަށް، ކައުންސިލްތަކުން ކުރައްވާ މަސައްކަތްތަކާއި އެހެނިހެން ކަންކަން ބަލާ، ތަޖުރިބާ ހޯދުމާއި، ކައުންސިލްތަކުގެ ގުޅުންތެރިކަން އިތުރުކުރުމުގެ މަޤުޞަދުގައި ކުރައްވާ ދަތުރެއްކަމަށް އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ ނަޞީރު ވިދާޅުވިއެވެ. މިގޮތުން މިޓީމްގެ ބޭފުޅުން މިމަހުގެ 2 ވަނަ ދުވަހު ހައްދުންމަތީ އަތޮޅު ކައުންސިލާ ރަސްމީ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. މިބައްދަލުވުމުގައި ކައުންސިލްގެ އިދާރީ ހިންގުމާއި، ކައުންސިލުން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން މަޢުލޫމާތު ހޯއްދަވާ މަޝްވަރާކުރެވުނެވެ.

މިމަހުގެ 3 ވަނަ ދުވަހު މިޓީމުގެ ބޭފުޅުން މިއަތޮޅު ފޮނަދޫ އަދި މާމެންދޫ ކައުންސިލާ ބައްދަލުކޮށް އެކައުންސިލްތަކުން ކުރައްވާ މަސައްކަތްތަކުގެ މަޢުލޫމާތު ހޯއްދަވާފައިވެއެވެ. އަދި މިއަތޮޅުގައި ފުޅާދާއިރާއެއްގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރާ މެންދޫ އަށާއި، ސިނާއީ މަސައްކަތް ކުރަމުން ގެންދަވާ މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އަށްވެސް މިޓީމް ވަނީ ޒިއާރަތްކުރައްވާފައެވެ. މީގެއިތުރުން މިއަތޮޅު ގަން އަދި ކަލައިދޫ ކައުންސިލާ ބައްދަލުކުރެއްވުމާއި ގަން، އިސްދޫ އަދި ކަލައިދޫގެ އާސާރީ ތަންތަން ބައްލަވާލެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Leave a Reply

Your email address will not be published.