އަތޮޅަށް ރީތިނަމާ ޝަރަފު ހޯއްދަވައި ދެއްވި ބޭފުޅުންނަށް މަރުޙަބާ ދަންނަވަން

މި އަހަރުގެ ހިއްވަރު ދިނުމުގެ ޤައުމީ ޢިނާމު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނު ޢަބުދުލްގައްޔޫމު 11.11.2017 ވަނަ ދުވަހުގެރޭ ދެއްވައިފި އެވެ. މި އިނާމަކީ ދިވެހިޤައުމަށާއި ދިވެހި މުޖުތަމައަށް ލާބައާއި މަންފާއަށްޓަކާ ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމްޢިއްޔާތަކާއި، ޖަމާޢަތްތަކުންނާއި، ވިޔަފާރިދާއިރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހިގައުމުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތުގައި އެފަރާތްތަކުން ހޯދާކުރިއެރުންތައް ބަލައިގަނެ އެކަންކަން ވަޒަންކޮށް އެފަރާތްތަކަށް ހިތްވަރުދިނުމުގެ މަގުޞަދުގައި ދެވޭއިނާމެކެވެ. މިގޮތުން އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން ހިލޭސާބަހަށް މަސައްކަތް ކުރުމުގެ ރޮގުން ހިއްވަރުދިނުމުގެ ޤައުމީ އިނާމް މިކައުންސިލްގެ އ.އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލާ ފާޠިމަތު ޒަޢީމާ، ލ.ފޮނަދޫ މުރިނގު، ޙާޞިލްކޮށްފައިވާތީ ހައްދުންމަތީ އަތޮޅު ކައުންސިލްގެ ނަމުގައި ފާޠިމަތު ޒަޢީމާއަށް ވަރަށްހޫނު މަރުޙަބާއެއް ދަންނަވަމެވެ.

އަދި ކީރިތި ޤްރުއާން ހިތުދަސްކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ލ. ގަމު ފިނިރޯޅި، އަޙުމަދު އަޙުސަނާއި، ލ.މާވަށު މާބަގީޗާގޭ އަޙުމަދު ނަބީހު ވަނީ ޙާޞިލުކުރައްވާފައެވެ. ސާނަވީ އިމްތިހާނުގެ އެކިއެކި މާއްދާތަކުން ދުނިޔެއިން 1 ވަނަ ހޯއްދަވައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ފާޠިމަތު ޝާދިން ޢަބްދުﷲ ވެސް ވަނީ ޙާޞިލް ކޮށްފައެވެ. މީގެ އިތުރުން ތަޢުލީމާއި ތަމްރީނުކޯސްތަކުން އެއްމެ މަތީވަނަ ހޯއްދަވައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑަލް މިއަތޮޅު މާވަށު މަޒީ، ފާޠިމަތު އަމްނާ ޢަޒީޒް ޙާޞިލްކޮށްފައިވެއެވެ.

އެހެންކަމުން މިބޭފުޅުން އަތޮޅަށާއި ރަށަށް ހޯއްދަވައި ދެއްވި ރީތި ނަމަށްޓަކާ ވަރަށްހޫނު މަރުހަބާއާއި ޝުކުރު ދަންނަވަމެވެ.

Leave a Reply

Your email address will not be published.