ތަޢާރަފް

ހައްދުންމަތީ އަތޮޅު ކައުންސިލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޤާނޫނީ ޝަޚުސެކެވެ. މިކައުންސިލްގައި ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށްފައިތިބި 4 ކައުންސިލަރުން ތިއްބަވައެވެ. އަދި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ސިވިލްސަރވިސްގެ މުވައްޒަފުން ހިމެނޭގޮތަށް ކައުންސިލްގެ އިދާރާއެއްވަނީ ގާއިމްކޮށްފައެވެ.

 

ހައްދުންމަތީ އަތޮޅު ކައުންސިލުގެ މަސްޢޫލިއްޔަތުތަކާއި ބާރުތައް؛


(ހ)    ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނާއި އެއްގޮތްވާގޮތުގެމަތިން އެ އިދާރާ ދާއިރާއެއް ހިންގައި، އެ ދާއިރާ ތަރައްޤީކުރުމަށް މަސައްކަތްކުރުން.

(ށ)    ރައްޔިތުންގެ ބައިވެރިވުމާއެކު ރަށްރަށުގެ ތަރައްޤީގެ ޕްލޭންތަކަށާއި މުޅި އިދާރާ ދާއިރާގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ކަމާބެހޭ ފަރާތްތަކަށް ދިނުން.

(ނ)    ރަށު ކައުންސިލްތަކުން ހިންގާ ޙަރަކާތްތައް ވިލަރެސްކުރުމާޢި އެ ކައުންސިލްތައް ހިނގާނުހިނގާގޮތް ބެލުން.

(ރ)    މި ޤާނޫނުގެ ދަށުން އަތޮޅު ކައުންސިލަސް ލިބިދީފައިބާ ބާރާއި، މަސައޫލިއްޔަތު އަދާކުރުމަށްޓަކައި އެކައުންސިލެއްގެ އިޚްތިޞާޞްގައި ހިމެނޭ ކަންތައްތައް ތައްފީޛުކުރުމުގެ ކަންތައްތައް ހިނގާނުހިނގާގޮތް ބަލައި، އިދާރީ ދާއިރާގެ ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައެޅުމާއި އެ ސިޔާސަތުތައް ތަންފީޛުކުރުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި އެއާގުޅޭ ގަވާއިދު ހެދުން.

(ބ)    އިދާރީ ދާއިރާގައި ދިރިއުޅޭ ރައްޔިތުންގެ ނަމުގައި މި ޤާނޫނުގެ ދަށޫން ނިންމަންޖެހޭ ކަންކަން ނިންމުން.

(ޅ)    އިދާރީ ދާއިރާގެ ރައްޔިތުންގެ މާލިއްޔަތާއި އެމެހައި ވަސީލަތްތައް ބެލެހެއްޓުން.

(ކ)    ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އަދި އެނޫންވެސް ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި، މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި ދިނުމާއި، މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި އަދި މި އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން.

(އ)    އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަސް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކުކުރުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ މިފަދަ ތަކެތި، މިޤާނޫނުގެ ދަށުން ހެދޭ ގަވާއިތަކުގައިވާ ގޮތުގެމަތިން، އެހެން ފަރާތްފަރާތައް ކުއްޔަށް ދިނުމާއި ދޫކުރުން.

(ވ)    ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި، އެފަދަ ދަރަނިތަކުގެ ޙިމާޔަތެއްގެ ގޮތުގައި ކައުންސިލްހެ އެކިއެކި މާލީ ޙައްޤުތަކާއި މަޞްލަޙަތުތަކާއި މިލްކިއްޔާތުތައް ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި ތަފާތ އެކި ކަންކަމަށް ފަންޑު އުފެއްދުން.

(މ)    ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް މި ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މުނިސިޕަލް ބޮންޑާއި، ބިލާއި މުނިސިޕަލް ސެކިއުރިޓީ ފަދަ އެކިއެކި މާލީ ސެކިއުރިޓީތައް އެކަށައަޅައި، އެފަދަ ސެކިއުރިޓީތައް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ވިއްކުން.

(ފ)    އިދާރީ ދާއިރާގެ ފެންވަރުގައި ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކިފަރާތްތަކާއެކު އެގްރީމެންޓްކޮށް ވިޔަފާރީގެ މުޢާމަލާތުކުރުން.

(ދ)    ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ އިދާރީ ދާއިރާއެއްގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން ޞިނާޢަތުތައް ކުރިއެރުވުމަށް އެހީތެރިވެދީ މަސައްކަތްކުރުން.

(ތ)    އަތޮޅު ކައުންސިލުން ދޭ ޙިދުމަތްތަކާއި ކައުންސިލް މެދުވެރިވެގެން ދޭ ޙިދުމަތްތަކަށް މި ޤާނޫނުގެ ދަށުން ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފީ ކަނޑައެޅުމާއި ފީ ނެގުން.

(ލ)    މި ޤާނޫނުގައި ބުނެފައިވާ ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

(ގ)    ކައުންސިލްގެ މެންބަރުން ބަދަލުވާ ޙާލަތްތަކުގައާއި ކައުންސިލްގެ ނަން ބަދަލުވާ ޙާލަތްތަކުގައި ކުރީގެ ކައުންސިލުން ކޮށްފައިވާ ކަންކަމަށް ޒިންމާ އުފުލުން.

(ޏ)    ކައުންސިލަށް ނިސްބައިވާ ސިއްކަ ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓްރީކުރުމަށްފަހު ބޭނުންކުރުން.

(ސ)   ކައުންސިލްގެ އިދާރާ ހިންގުން.

(ޑ)    ޤާނޫނަކުން ކަނޑައަޅާ މިނޫންވެސް ކަންކަން ކުރުން.

(ޒ)    ރަށު ކައުންސިލްތަކުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބެލުން.