ހައްދުންމަތީގެ ތަރައްޤީގެ ޕްލޭނުގައި ރައްޔިތުންގެ އުންމީދުތައް ހިމެނުމުގެ ފުރުޞަތު ހުޅުވާލައިފި

ކުރިޔަށް އޮތް 5 އަހަރު ދުވަހަށް އަމާޒުކޮށްގެން ހައްދުންމަތީ އަތޮޅު ކައުންސިލުން އެކުލަވާލާ ހައްދުންމަތީގެ ތަރައްޤީ ޕްލޭން ހެދުމުގެ މަސައްކަތް ފެށިގެން މިހާރު ކުރިޔަށް އެބަދެއެވެ. މި މަސައްކަތް ރާވާ ހިންގަނީ ހައްދުންމަތީ އަތޮޅު ކައުންސިލުންނެވެ. 

މި ދުވަސްވަރަކީ ކޮވިޑް19 ގެ ސަބަބުން މުޅި ޤައުމު ޞީއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި އޮތް ދުވަސްވަރަކަށް ވާތީ މި ޕްލޭން ހެދުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ މައިގަނޑު މަސައްކަތް ހިނގަނީ އޮންލައިންކޮށެވެ. މި ގޮތުން ލ. އަތޮޅުގެ ރަށްރަށުގެ ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއި، އަތޮޅުގެ ސްކޫލްތަކާއި، އަތޮޅު ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުތައް އަދި މަތީ ތަޢުލީމު ފޯރުކޮށްދިނުމަށް ހުރި އިދާރާތަކާއި، ހައްދުންމަތީގައި ޚިދުމަތްދޭ ދައުލަތުގެ އެހެނިހެން އިދާރާތަކުން މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްތައް ފެށިގެން ކުރިޔަށް އެބަދެއެވެ.

ލ. އަތޮޅުގެ ތަރައްޤީގެ ޕްލޭންގައި ހިމެނުމަށް ކަނޑައަޅާފައި މައިގަނޑު 5 ބައެވެ. އެއީ އުންމީދީ އަތޮޅު، ފަހި ދިރިއުޅުން، ބަދަހި ގުޅުން، ލާމަސީލު ލާމު އަދި އީޖާދީ މުއްސަދިކަން މި 5 ބައެވެ. މި 5 ބައި ގައި ތަފާތު ދާއިރާތަކުން ގިނަ ކަންތައްތަކެއް ހިމެނިގެންދާނެއެވެ.

1- އުންމީދީ އަތޮޅު: (މި ބައިގައި ހިމެނެނީ އަތޮޅުގައި ލިބެންހުރި ވަސީލަތްތައް ހެޔޮ ގޮތުގައި ބޭނުން ހިފައި، އަތޮޅުގެ ކައުންސިލްތަކާއި، ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރުމަށް ކުރެވޭނޭ ކަންތައްތަކެވެ.)

2- ފަހި ދިރިއުޅުން: (މި ބައިގައި ހިމެނެނީ ލާމު އަތޮޅު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ދިރިއުޅުން ކާމިޔާބު ކުރުމަށް ކުރެވޭނޭ ކަންތައްތަކެވެ.)

3- ބަދަހި ގުޅުން: ( މި ބައިގައި ހިމެނެނީ ދޭދޭފަރުންނާއި، ކައުންސިލްތަކާއި އެކިއެކި މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމާއި، އެކުވެރިކަން އާލާކޮށް އިޖުތިމާޢީ ރޫހު ވަރުގަދަ ކުރުމަށް ކުރާނެ ކަންތައްތަކެވެ.)

4- ލާމަސީލު ލާމު: (މި ބައިގައި ހިމެނެނީ ލާމު އަތޮޅުގައި ހިމާޔަތާއި، ރައްކާތެރިކަން ކަށަވަރުކޮށްދީ ރިވެތި އާދަކާދައާއި، ތާރީޚާ، ސަޤާފަތާ، ތަރިކަ ދިރުވާ އާލާކުރުމަށް މަސައްކަތް ކުރުމާއެކު ހޭލުންތެރިކަން އިތުރު ކުރުމަށް ކުރާނެ ކަންތައްތަކެވެ.)

5- އީޖާދީ މުއްސަދިކަން: (މި ބައިގައި ހިމެނޭނީ ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރި، އީޖާދީ މަސައްކަތްތަކަށް ހިތްވަރުދޭ އަތޮޅަކަށް ހެދުމަށް ކުރާނެ ކަންތައްތަކެވެ.) 

ހައްދުންމަތީގެ ތަރައްޤީގެ ޕްލޭނަށް އާންމުންގެ ބައިވެރިވުމާއެކު މަޢުލޫމާތު ހޯދުމަށް ބޭއްވޭ ބައްދަލުވުންތަކުގައި އޮންލައިންކޮށް ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް މިހާރުވަނީ ގޫގަލް ފޯމެއް ތަޢާރަފުކޮށްފައެވެ. މި ފޯމުގައި މަޢުލޫމާތު އެއްކުރުމުގެ ސެޝަންތައް ކުރިޔަށް ގެންދާ ތާރީޚާއި ގަޑިތައް ހިމަނާފައިވެއެވެ. މި ފޯމު އަތޮޅު ކައުންސިލްގެ ފޭސްބުކް ޕޭޖުން ވެސް ލިބެން ހުންނާނެއެވެ. ފޯމްލިންކް

މަޢުލޫމާތު އެއްކުރުމުގެ މިސެޝަންތަކުގައި ރަޖިސްޓްރީވެ އަތޮޅުގެ ވީހައި ވެސް ގިނަ ރައްޔިތުންނާއި، ލާމު އަތޮޅަށް ހެޔޮއެދިވަޑައިގަންނަވާ ފަރާތްތަކުން މި ބައްދަލުވުންތަކުގައި ބައިވެރިވެދެއްވުމަކީ އަތޮޅު ކައުންސިލްގެ އެދުމެކެވެ.

އަތޮޅު ތަރައްޤީގެ ޕްލޭން ހެދުމުގެ މަސައްކަތް އަތޮޅު ކައުންސިލުން ކުރިޔަށްގެންދާއިރު މިއަތޮޅުގެ ރަށްރަށުގެ ރަށު ތަރައްޤީގެ ޕްލޭންތައް ހެދުމުގެ މަސައްކަތް އެ ރަށްރަށުގެ ރަށު ކައުންސިލްތަކުން ކުރިޔަށް އެބަގެންދެއެވެ.


ހައްދުންމަތީ އަތޮޅު ކައުންސިލް