ލ.އަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ " ޒިއަމިން ލާމު މެރަތަން 2025" ގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަނަށް މިހާރުވަނީ ހުޅުވާލާފައެވެ. މި މެރަތަން އޮންނާނީ މި އަހަރުގެ އޮކްޓޫބަރު 31ވާ ހުކުރު ދުވަހުއެވެ. މެރަތަން ވިލެޖަކީ ލ.ގަމު މުކުރިމަގު ބަނދަރު ސަރަޙައްދެވެ.
މި މެރަތަންގައި ބައިވެރިވެވޭނެ ރޭސް ކެޓަގަރީތަކުގެ ތެރޭގައި 3ކިލޯ މީޓަރު، 5ކިލޯ މީޓަރު، 10ކިލޯ މީޓަރު، ހާފް މެރަތަން އަދި ފުލް މެރަތަން ހިމެނެއެވެ. ކޮންމެ ރޭސް ކެޓަގަރީއަކުންވެސް ދުވުންތެރިންނަށް އެ ދުވުންތެރިޔަކު ޝަރުޠު ހަމަވާ ގުރޫޕަކަށް ރަޖިސްޓްރީ ކުރެވޭނެ އެވެ. މީގެ ތެރޭގައި ލ.އަތޮޅުގެ ދުވުންތެރިންނާއި ރާއްޖޭގެ އެހެން ސަރަޙައްދުތަކުގެ ދުވުންތެރިންނާއި އަދި ބައިނަލްއަޤުވާމީ ދުވުންތެރިން ހިމެނެއެވެ.
މި މެރަތަންގައި ރޭސް ނިންމާ ކޮންމެ ބައިވެރިޔަކަށް ފިނިޝަރ މެޑަލެއް ދެވޭނެއެވެ. އަދި ކޮންމެ ރޭސް ކެޓަގަރީއެއްގެ އަންހެން އަދި ފިރިހެން 1ވަނައަށް އަންނަ ދުވުންތެރިންނަށް ފައިސާގެ އިނާމު ލިބޭނެއެވެ. މީގެ އިތުރުން ކޮންމެ ރޭސް ކެޓަގަރީއެއްގެ ކޮންމެ ގުރޫޕަކުން 1ވަނައަށް އަންނަ އަންހެން އަދި ފިރިހެން ދުވުންތެރިންނަށް ރަން މެޑަލް، 2ވަނައަށް ރިހި މެޑަލް އަދި 3ވަނައަށް ލޯ މެޑަލް ދެވޭނެއެވެ.
މި އަހަރުގެ މެރަތަންގެ ޓައިޓަލް ސްޕޮންސަރަކީ ޗައިނާގެ ޒިއަމިން ސިޓީ ކަމަށްވާއިރު، މި މެރަތަންއަކީ ރާއްޖެއާއި ރާއްޖޭން ބޭރުގައި އަތޮޅު އިޝްތިހާރު ކުރުމަށާއި އަތޮޅުގައި ދުވުމަށް ލޯބިކުރާ ދުޅަހެޔޮ ޖީލެއް ބިނާ ކުރުމަށް ކުރިޔަށްގެންދާ ހަރަކާތެކެވެ.