އެންވަޔަރަންމަންޓް މިނިސްޓަރ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން ހައްދުންމައްޗަށް ވަޑައިގަންނަވައިފި

އެންވަޔަރަންމަންޓް މިނިސްޓަރ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން އިއްޔެ ހަވީރުގެ ވަގުތެއްގައި ހައްދުއްމައްޗަށް ވަޑައިގެންފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި ވަރލްޑް ބޭންކްގެ 4 ބޭފުޅުންނާއި، އެންވަޔަރަންމަންޓް މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ. މިނިސްޓަރގެ މިދަތުރުފުޅަކީ ރާއްޖޭގެ ރަށްތަކުގެ ކުނީގެ މައްސަލައަށް ޙައްލު ހޯދުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން ޒޯން 4 އަދި 5 (މ،ފ،ދ،ތ އަދި ލ) އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން “މޯލްޑިވްސް ކްލީން އެންވަޔަރަމަންޓް ޕްރޮޖެންޓް” ގެ ނަމުގައި ކުރިއަށްގެންދަވާ މަޝްރޫޢުގެ ސްޓޭކްހޯލްޑަރ ވަރކްޝޮޕް ފައްޓަވައިދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިޕްރޮޖެކްޓަކީ ވަރލްޑް ބޭންކްގެ ހިލޭ އެހީގެދަށުން ކުރިއަށްގެންދަވާ ޕްރޮޖެކްޓެކެވެ.

މިއަދު ހެނދުނު 09:00 ން ފެށިގެން ހަވީރު 16:00 އަށް ލ.ގަމު ހަމަދުބިން ޚަލީފާ އާލްޘާނީ ސްކޫލްގައި ކުރިއަށްގެންދާ މިވަރކްޝޮޕް ޝަރަފްވެރި ކޮށްދެއްވުމުގެ ގޮތުން ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން ދެއްކެވި ވާހަކަފުޅުގައި މިޕްރޮޖެކްޓަކީ ޒޯން 4 އަދި 5 ގެ ރަށްތަކުގެ ތިމާވެއްޓަށް ދިމާވެފައިވާ ދަތިތަށް ފިލުވުމަށް ފެށޭ ވަރަށް މުޙިއްމު ޕްރޮޖްކްޓެއްކަމަށާއި، ރައްކާތެރިގޮތުގައި ކުނިނައްތާލެވޭނެގޮތްތައް މި ވަރކްޝޮޕުން ބައިވެރިންނަށް ދަސްވެގެންދާނެކަމަށާއި، ކޮންމެ ރަށެއްގައި ރަށުފެންވަރުގައި ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތްތަކާއެކު ސެންޓަރތަކެއް ޤާއިމްކުރެވޭނެކަމަށް ވިދާޅުވިއެވެ. ވޯކްޝޮޕްގެ ބައިވެރިއެއްގެ ގޮތުން އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝަރީފް ދެއްކެވި ވާހަކަފުޅުގައި ލ.އަތޮޅުގެ ރަށްތަކުގައި އޮތް ރީތިމޫދުތަކާ މުރަކައިގެފަރުތަށް އެގޮތުގައި ތާއަބަދަށް ބާއްވަން ބޭނުންކަމަށާއި މިކަންކަން އަންނަނިވި ޖީލްތަކަށް ފޯރުކޮށްދިނުމަށް ލ.އަތޮޅަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ފާހަގަކުރެއްވިއެވެ. އަދި އަތޮޅު ކައުންސިލުން އިސްނަގައިގެން ސްކޫލްތަކުގެ ދަރިވަރުންނަށް ސާފުބޯފެން ފޯރުކޮށްދިނުމުގެ ގޮތުންނާއި ސިންގަލްޔޫސް ޕްލާސްޓިކް ބޭނުންކުރެވޭ މިންވަރު މަދުކުރުމުގެ ގޮތުން “ޒެޕްވިސް” (ޒީރޯ ޕްލާސްޓިކް ވޭސްޓް އިނިޝިއޭޓިވް އެޓް ސްކޫލް) ގެ ނަމުގައި ކުރިއަށްގެންދެވުނު ޕްރޮޖެކްޓްގެ ދަށުން އަތޮޅުގެ ހުރިހާސްކޫލަކަށް ވޯޓަރ ޕިއުރިފިކޭޝަން މެޝިން ފޯރުކޮށްދެވިފައިވާކަން ފާހަގަކުރެއްވިއެވެ.