މިނިސްޓަރ އޮފް ހޯމްއެފެއާރޒް އައްޝައިޙް އިމްރާން ޢަބްދުﷲ ހައްދުންމަތީ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް އައްޝައިޙް އިމްރާން ޢަބްދުﷲ މި ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މިއަދު 10:00 ގައި އަތޮޅު ކައުންސިލްގެ ތާޖުއްދީން މާލަމުގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި އަތޮޅު ކައުންސިލްގެ މެމްބަރުންނާއި، ކައުންސިލްގެ އިސްވެރިންގެ އިތުރުން ގަމު ދާއިރާގެ މަޖިލީސް މެމްބަރ އަލްފާޞިލް މުޙައްމަދު ވިޝާމް ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި މަޝްވަރާކޮށް ކައުންސިލްގެ ފަރާތުން ހުށަހެޅުއްވި މުހިއްމު ކަންތައްތަކުގެ ތެރޭގައި 2020 ވަނަ އަހަރުގެ ބަޖެޓް ކަނޑައަޅުއްވާއިރު އަތޮޅު ކައުންސިލްގެ އާ އިމާރާތެއް އެޅުން ބަޖެޓްގައި ހިމަނައިދެއްވުމަށާއި، ސްޓޭޓް ހައުސްއަށް ބޭނުންވާ ފަރުނީޗަރ ގަތުމަށް ބަޖެޓް ހަމަޖައްސަވައިދެއްވުމަށާއި، ހައްދުންމަތީ ބޮޑުމަގުގައި ކެމެރާ ހަރުކުރެވޭނެ އިންތިޒާމް ހަމައްސަވައިދެއްވުމަށާއި، އަތޮޅު ބޭރުގައި މަސައްކަތްކުރާ ލ.އަތޮޅުގެ ޕޮލިހުން ލ.އަތޮޅުގައި މަސައްކަތްކުރާގޮތަށް ބަދަލުކޮށްދެއްވުމަށާއި، ހައްދުންމަތީ އިސްދޫ އަދި މާބައިދޫގައި ޕޮލިސް ސްޓޭޝަނެއް ޤާއިމްކޮށްދެއްވުމަށް ކައުންސިލަރުން އެދިވަޑައިގެންފައިވެއެވެ.