އައު އަތޮޅު ކައުންސިލް ތައާރަފުވުމަށް މުޅި އަތޮޅުގެ ހުރިހައި ރަށަކަށް ޒިޔާރަތް ކޮށްފި

ހައްދުންމަތީ އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ ކައުންސިލަރުން ތައާރަފުވުމަށް ހައްދުންމަތީގެ ހުރިހައި ރަށަކަށް ޒިޔާތްކޮށްފި އެވެ. މި ދަތުރުތައް ފެށުނީ 22 އޯގަސްޓް 2021 ވީ އަންގާރަ ދުވަހު މިއަތޮޅު ގަމުންނެވެ. ފަސް ދުވަހަށް ދެމިގެންދިޔަ މި ދަތުރުތައް ނިންމައިލީ ބުރާސްފަތި ދުވަހު މާވަށަށް ކުރި ޒިޔާރަތުންނެވެ.

އަތޮޅުގެ އުތުރު ބިތުގެ ރަށްތަކަށް ކުރި ޒިޔާރަތުގައި އަތޮޅު ކައުންސިލްގައި ހިމެނޭ އެއް ކައުންސިލަރަކު ފިޔަވައި ދެން ތިއްބެވި އެގާރަ ކައުންސިލަރުން ބައިވެރިވެލެއްވި އެވެ. އަދި ދެކުނު ބިތުގެ ރަށްތަކަށް ކުރި ދަތުރުގައި ހުރިހާ ކައުންސިލަރުން ވެސް ބައިވެރިވެލެއްވި އެވެ. މީގެ އިތުރުން އަތޮޅު ކައުންސިލްގެ ވަގުތީ އެސްޖީއާއި، ބިއުރޯ އަދި ލ. އަތޮޅުގައި ހިންގާ “އެންދެރި” ޕްރޮޖެކްޓްގެ ފަރާތުން ބައިވެރިވި އެވެ.

މި ދަތުރުގައި އަތޮޅު ކައުންސިލްގެ ރައީސް ތައާރަފުވުމާއި، އަތޮޅު ކައުންސިލްގައި ހިމެނޭ ދެންތިއްބެވި އެގާރަ ރަށުގެ ރަށު ކައުންސިލްގެ ރައީސުން ތައާރަފުވުން ކުރިޔަށް ދިޔައެވެ. ކޮންމެ ރަށެއްގެ މުއައްސަސާތަކުގެ ވެރިންނާއި، ރަށު ކައުންސިލްގެ މެންބަރުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން މި ބައްދަލުވުންތަކުގައި ބައިވެރިވި އެވެ.

އަތޮޅު ކައުންސިލްގެ މި ދަތުރުގައި ތައާރަފުވުމުގެ އިތުރުން އަތޮޅުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ހިއްސާ ކުރުމާއި، ރަށްރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހޯދުން ކުރިޔަށް ގެންދެވުނެވެ. މީގެ އިތުރުން ރަށު ތަރައްޤީގެ ޕްލޭނާއި، އަތޮޅު ތަރައްޤީގެ ޕްލޭންގައި ހިމެނޭ ކަންތައްތަކާއި، އަދި އިތުރަށް ހިމެނިދާނެ ކަންކަމުގެ މައްޗަށް ވާހަކަ ދެކެވުނެވެ. 

މި ދަތުރުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެންނެވެ. ކޮންމެ ރަށަކަށް ވެސް މި ޓީމު ޒިޔާރަތް ކުރުމުން ރަށު ކައުންސިލްގެ ފަރާތުން އިންތިޒާމު ކޮށްގެން އަތޮޅު ކައުންސިލްގެ ޓީމަށް ހޫނު މަރުޙަބާއެއް ކިޔާފައިވެ އެވެ.