ހައްދުންމަތީ އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ ފުރަތަމަ އަހަރުގެ ނިމުން ފާހަގަ ކޮށްފި.

ހައްދުންމަތީ އަތޮޅުކައުންސިލްގެ 4 ވަނަ ދައުރުގެ ފުރަތަމަ އަހަރުގެ ނިމުން ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން 2022 މެއި 17 ވަނަ ދުވަހުގެ ރޭ ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިއަށްދިޔަ މިހަފްލާގައި އަތޮޅުކައުންސިލްގެ މެމްބަރުންނާ، ގަން،ފޮނަދޫޞަރަޙައްދުގެ މުވައްސަސާތަކުގެ އިސް ވެރިންނާ، ކައުންސިލަރުންނާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ތަކުގެ ރައީސުންނާ، އެހެނިހެން އިސްފަރާތްތަކާ، އަތޮޅު ކައުންސިލްގެ މުވައްޒަފުން ބައިވެރިވެފައި ވެއެވެ. މިހަފްލާގައި އަތޮޅުކައުންސިލްގެ މެމްބަރ އަދި މާބައިދޫ ކައުންސިލްގެ ރައީސާ އަތޮޅު ކައުންސިލްގެ ރައީސް ބައިވެރިންނާ މުޚާޠަބު ކޮށްވާހަކަފުޅު ދެއްކެވުމުގެ އިތުރުން ކައުންސިލުން ފާއިތުވި އަހަރުދުވަހުގެ ތެރޭގައި ކުރެވިފައިވާ މުޙިންމު ކަންކަން ހިމެނޭހެން އެކުލަވާލާ ތައްޔާރު ކުރެވިފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައި ވެއެވެ. ބައިވެރިންނާ މުޚާޠަބު ކޮށް ހައްދުންމަތީ އަތޮޅުކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީ ދެއްކެވި ވާހަކަފުޅުގައި 4 ވަނަ ދައުރުގެ ކައުންސިލަރުން ކައުންސިލާ ޙަވާލުވި އިރު ކޮވިޑްގެ ހާލަތު ހުރިގޮތުން ވަރަށް އުނދަގޫ ދުވަސްވަރަކަށް ވެފައިވީނަމަވެސް މުހިންމު މަސައްކަތް ތަކެއް ކުރެވިފައިވާކަނަ ފާހަގަ ކުރެއްވިއެވެ. އަދި މިމަގަށް މަސައްކަތް ކުރެވިގެން މިދަނީ އަތޮޅު ކައުންސިލަރުންގެ ފަރާތުންލިބޭ ފުރިހަމަ އެއްބާރުލެއްވުމުން ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް މަޝްވަރާއާއެކު މިއަށްވުރެ ރަނގަޅަށް މަސައްކަތްތައް ރޭވިގެން ކުރިއަށްގެންދެވޭނެ ކަމުގެ އުންމީދު އެބައޮތްކަމުގައި ވިދާޅުވެފައިވެއެވެ.