ހައްދުންމަތީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދިޔަ ލާމަސީލު ލާމު އަތޮޅު ޤުރުއާން ކިޔެވުމުގެ 12 ވަނަ މުބާރާތް ނިމިއްޖެ.

ލާމަސީލު ލާމު އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތަކީ ހައްދުންމަތީގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤްރުއާނަށް ލޯބިޖެއްސުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ. ލާމަސީލު ލާމު އަތޮޅު ޤުރުއާންކިޔެވުމުގެ 12 މުބާރާތް ބޭއްވިފައިވަނީ ލ. ގަމުގައި ހުންނަ އިހައްދޫ ސްކޫލާ ޙަވާލު ކޮށްގެން 2022 ސެޕްޓެމްބަރ 27 ން އޮކްޓޯބަރ 1 އަށް އިހައްދޫ ސްކޫލްގައެވެ. މި މުބާރާތުގައި 12 ސްކޫލަކުން އަދި އެއް މުވައްސަސާއިން ޖުމްލަ 146 ދަރިވަރުން ބައިވެރިވެފައިވާއިރު ބަލައިގެން ކިޔެވުމުގެ ބައިގައި 102  ދަރިވަރުން އަދި ނުބަލާ ކިޔެވުމުގެ ބައިގާ  44 ދަރިވަރުން ބައިވެރިވެފައި ވެއެވެ.  ލާމަސީލު ލާމު އަތޮޅު ޤުރުއާން ކިޔެވުމުގެ 12 ވަނަ މުބާރާތުގެ ފަޚުރުވެރި އެއްވަނަ ޙާޞިލް ކޮށްފައިވަނީ ލ. ދަނބިދޫ ސްކޫލްގެ ދަރިވަރު ޢާއިޝަތު ޝިރާ ޢުމަރެވެ. އަދި މުބާރަތުގެ ދެވަނަ ދަރިވަރަކަށް ހޮވިފައިވަނީ ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު އަޙުމަދު ޝައިމް ރިޟާއެވެ. ތިން ވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ ދަރިވަރު ޔޫސުފް ކިޔާން ލަތީފް ބިން މުޙައްމަދެވެ.  މިމުބާރާތުގެ 1 ވަނަ ސްކޫލަކަށް ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް ހޮވިފައި ވާއިރު ދެވަނަ ސްކޫލަކަށް ހޮވިފައިވަނީ ލ. މާވަށު ސްކޫލެވެ.  ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ބަލައިގެންކިޔެވުމުގެ ބައިގާ ހައްދުންމަތީ އަތޮޅު ކައުންސިލް ތަމްސީލްކުރާ ޓީމް ގައި ވާދަކުރާނީ 12 ދަރިވަރުންނެވެ.

އަދި ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނުބަލާ ކިޔެވުމުގެ ބައިގާ ހައްދުންމަތީ އަތޮޅު ކައުންސިލް ތަމްސީލްކުރާ ޓީމްގައި  8 ދަރިވަރުން ވާދަކުރާނެއެވެ.މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާފައިވަނީ އަލްޤާރީ ޢަބުދުﷲ މާޖިދު މޫސާއާއި، އަލްޤާރީ އަބުދުލް ޖަލީލު އިސްމާޢީލް އަދި އަލްޤާރީ މޫސާ އަޙްމަދެވެ.