ހައްދުންމަތީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދިޔަ ލާމަސީލު ލާމު އިންޓަރ ސްކޫލް 3ވަނަ ފުޓްބޯޅަ މުބާރާތް ނިމިއްޖެ

ލާމަސީލު ލާމު އިންޓަރ ސްކޫލް 3ވަނަ ފުޓްބޯޅަ މުބާރާތަކީ ހައްދުންމަތީގައި ފުޓްބޯޅައިގެ ހުނަރުވެރި ޒުވާނުންތަކެއް އުފެއްދުމުގެ މަޤްޞަދުގައި  ލާމުއަތޮޅުގެ ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ. ލާމަސީލު ލާމު އިންޓަރ ސްކޫލް 03ވަނަ ފުޓްބޯޅަމުބާރާތް ބޭއްވިފައިވަނީ ހައްދުންމަތީ ގަމު ކައުންސިލާ ޙަވާލު ކޮށްގެން 2022 އޮކްޓޫބަރު 06 ން އޮކްޓޫބަރު 16 އަށް ގަމު ޒޯން ސްޓޭޑިއަމްގައެވެ. މި މުބާރާތުގައި 11 ޓީމް ބައިވެރިވެފައި ވެއެވެ.  ލާމަސީލު ލާމު އިންޓަރ ސްކޫލް 3ވަނަ ފުޓްބޯޅަ މުބާރާތުގެ ފަޚުރުވެރި އެއްވަނަ ޙާޞިލް ކޮށްފައިވަނީ ލ. އަތޮޅު މަދަރުސާގެ ޓީމެވެ. އަދި ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީމެވެ.  ފެއާޕްލޭ ޓީމަކީ ކުނަހަންދޫ ސްކޫލްގެ ޓީމެވެ. އެންމެ މޮޅު ކޯޗަކީ ލ.އަތޮޅު މަދަރުސާގެ ކޯޗް އިބްރާހީމް ފަސާހެވެ. އެންމެ މޮޅު ގޯލްކީޕަރަކީ ލ.އަތޮޅު ތަޢުލީމީ މަރުކަޒު ޖާޒީ ނަންބަރު 2 އަޙުމަދު އިފްހާމް މުޙައްމަދެވެ. އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ އިހައްދޫ ސްކޫލްގެ ޖާޒީ ނަންބަރު 10 އަނާން އިބްރާހީމެވެ. އެންމެގިނަ ލަނޑުޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ ލ.އަތޮޅު މަދަރުސާގެ ޖާޒީ ނަންބަރު 11 ޙަސަން ނިޝާލެވެ. އަދި މީގެ އިތުރުން އެންމެ މޮޅު 10 ކުޅުންތެރިން ހޮވާފައިވެއެވެ. ކުލަގަދަ ކޮށް ގަމު ޒޯންސްޓޭޑިއަމްގައި ކުރިއަށްގެންދެވުނު މި ރަސްމިއްޔާތުގައި މުބާރާތުގެ އެކިއެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް ޝީލްޑާއި، ޓްރޮފީއާއި، މެޑެލް އަދި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެޙްމާން ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީ އާއި، އަތޮޅުކައުންސިލްގެ ނާއިބުރައީސާއި، މެމްބަރުނާއި، އަތޮޅުކައުންސިލްގެ ސެކްރެޓެރީ ޖެނެރަލްއެވެ. މި މުބާރާތަށް ސްކޫލްތަކުގެ އިތުރުން އާންމުގެ ވަރަށްބޮޑު ތަރުހީބެއް ލިބިފައިވެއެވެ.