ހައްދުންމަތީ އަތޮޅު ކައުންސިލުން ލާމަސީލު ލާމު ސްކޫލްތަކުގެ އެއްވަނަ ވާހަކަދެއްކުމުގެ މުބާރާތް ބާއްވައިފި

ލާމަސީލު ލާމު ސްކޫލްތަކުގެ 1ވަނަ ވާހަކަދެއްކުމުގެ މުބާރާތަކީ ހައްދުންމަތީގައި ހުނަރުވެރި ވާހަކަދެއްކުންތެރިންތަކެއް އުފެއްދުމުގެ މަޤުޞަދުގައި ހައްދުންމަތީގެ ސްކޫލްތަކަށް ހުޅުވާލައިގެން ދިވެހި ބަހުގެ އެކެޑަމީގެ ފަންނީ އެހީތެރިކަމާއެކު ހައްދުންމަތީ އަތޮޅު ކައުންސިލުން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. ހައްދުންމަތީ އިސްދޫ ކައުންސިލުން ޙަވާލުވެ 2022 އޮކްޓޫބަރު 26 ން އޮކްޓޫބަރު 29އަށް އިސްދޫ ސްކޫލްގެ ހޯލްގައި ކުރިއަށް ގެންދެވުނު މި މުބާރާތުގައި ހައްދުންމަތީގެ 10 ސުކޫލަކުން 119 ދަރިވަރުން ވާދަކުރިއެވެ. 14 އަހަރުން މަތި އަދި 14 އަހަރުން ދަށުގެ އުމުރުފުރާތަކުން ވާދަކޮށް ކުރިޔަށް ގެންދެވުނު މި މުބާރާތް ކުރިޔަށް ގެންދެވުނީ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް ވެސް ކުރިޔަށް ގެންދަވާ  ގޮތަށް ފުރަތަމަ ބުރާއި، އަރުތަ ބުރު ހިމަނައިގެންނެވެ. މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ  2022  އޮކްޓޫބަރު 29 ވަނަދުވަހު މެންދުރު 1:00 ގައެވެ.  ލާމަސީލު ލާމު ސްކޫލްތަކުގެ 01ވަނަ  ވާހަކަދެއްކުމުގެ މުބާރާތުގެ މުޅި މުބާރާތުން ސްކޫލްތަކުގެ ބައިން ފަޚުރުވެރި އެއްވަނަ ހާސިލް ކޮށްފައި ވަނީ ހައްދުންމަތީ އިސްދޫ ސްކޫލެވެ. ދެވަނަ ހާޞިލް ކޮށްފައި ވަނީ ލ. ގަމުގައި ހުންނަ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލެވެ. އަދި ތިންވަނަ ހާޞިލްކޮށްފައިވަނީ ލ. ފޮނަދޫގައި ހުންނަ ލ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. މުޅި މުބާރާތުގެ އެންމެމޮޅު ވާހަކަދެއްކުންތެރިންގެ ބައިން އެއްވަނަ ޙާޞިލް ކޮށްފައިވަނީ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ ޒުލައިޚާ ޔާސްމީނެވެ.  ދެވަނަ ޙާޞިލް ކޮށްފައި ވަނީ ލ. މާމެންދޫ ސްކޫލްގެ ޢަބްދުﷲ ޢަޒާން އަޒުވަރު އާދަމެވެ. ތިންވަނަ ޙާޞިލް ކޮށްފައިވަނީ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ ޢާއިޝަތު ބިންތު ޢަބްދުއްރައޫފެއެވެ. 14 އަހަރުން މަތީގެ ސްކޫލްތަކުގެ ބައިން 1ވަނަ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް، 2ވަނަ އިސްދޫ ސްކޫލް ، 3ވަނަ ލ.އަތޮޅު ތަޢުލީމީ މަރުކަޒެވެ. 14 އަހަރުން ދަށުގެ ސްކޫލްތަކުގެ ބައިން 01ވަނަ އިސްދޫ ސްކޫލް، 2 ވަނަ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް 3ވަނަ ލ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. 14 އަހަރުން ދަށުގެ ވާހަކަދެއްކުންތެރިންގެ ބައިން އެއްވަނަ ޙާޞިލް ކޮށްފައިވަނީ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ އާއިޝަތު އާލާ ޢަލީއެވެ. ދެވަނަ ޙާޞިލްކޮށްފައިވަނީ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ ޢާއިޝަތު ހުސްނު މުޙައްމަދެވެ. އަދި ތިންވަނަ ޙާޞިލް ކޮށްފައިވަނީ ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަޙުމަދު ޝައިމް ރިޝާއެވެ. 14 އަހަރުން މަތީގެ ވާހަކަދެއްކުންތެރިންގެ ބައިން  އެއްވަނަ ޙާޞިލް ކޮށްފައިވަނީ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ ޒުލައިޚާ ޔާސްމީނެވެ. ދެވަނަ ޙާޞިލްކޮށްފައިވަނީ މާމެންދޫ ސްކޫލްގެ ޢަބްދުﷲ ޢަޒާން އަޒުވަރު އާދަމެވެ. ތިންވަނަ ޙާޞިލް ކޮށްފައިވަނީ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ ޢާއިޝަތު ބިންތު ޢަބްދުއްރައޫފެއެވެ.