ލާމަސީލު ލާމު ހައްދުންމަތީ އެވޯޑް ޙަފްލާ ބާއްވައިފި.

ލ. އަތޮޅަށް ރީތި ނަމާއި، ޝަރަފުވެރި ވަނަތަކާއި، މަޤާމުތައް ހޯދާ ފަރާތްތަކަށާއި، ކައުންސިލްތަކަށާއި، ޚިދުމަތްތެރި މަދަނީ ޖަމްޢިއްޔާ ތަކަށާއި ތަފާތު ދާއިރާތަކުން އަތޮޅަށް ފާހަގަ ކުރެވޭ ފަދަ އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތައް ފާހަގަކޮށް، އެ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން، ހައްދުންމަތީ އަތޮޅު ކައުންސިލުން ދޭ އެވޯޑު ދިނުމުގެ ހަފްލާ 30 ނޮވެންބަރު 2022 ވަނަ ދުވަހުގެރޭ ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލްގައި ބޭއްވިއްޖެއެވެ. މި ހަފްލާގައި ސްކޫލް މަދަރުސާތަކުގައި ކިޔަވާ ލ. އަތޮޅުގެ ދަރިވަރުން، ސްކޫލް ދައުރުގައި ތަޢުލީމީ ރޮނގުން ހޯދާ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ފެންވަރުގެ ކާމިޔާބީތައް ފާހަގަކޮށް އެ ދަރިވަރުންގެ މަސައްކަތުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމުގެ އިނާމު ދެވުނެވެ. މީގެ އިތުރުން ތަފާތު ފަންނުތަކުން އެކިއެކި ދާއިރާތަކުން ލ. އަތޮޅަށް އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށާއި، އަތޮޅަށް ރީތި ނަން ހޯދައިދީފައިވާ ފަރާތްތައް ފާހަގަކޮށް އެ ފަރާތްތަކަށް ވެސް ހިތްވަރުދިނުމުގެ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ދެވުނެވެ. ހަމައެހެންމެ އަތޮޅުގެ ހިންގުންތެރި ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި އަދި ސްކޫލްތައް ހޮވާ އެ ފަރާތްތަކަށް ވެސް އެވޯޑް ދެވުނެވެ. މި އެވޯޑުތައް ދިނުމުގެ މަޤުޞަދަކީ އަތޮޅުގެ ރައްޔިތުންގެ ކިބައިގައި ޢިލްމީ އަދި ފަންނީ ޤާބިލުކަން އިތުރު ކުރުމާއި، އަތޮޅުގެ މުވައްސަސާތަކުން ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށް ދިނުމަށް ހިތްވަރު ދިނުމެވެ. ދަރުމަވެރީން ކޮށްދެއްވާ ޚިދުމަތްތަކާއި މަދަނީ ޚިދުމަތްތެރީންގެ އަގު ވަޒަންކޮށް، ޚިދުމަތުގައި ދެމިތިބުމަށް ހިތްވަރު ދިނުމެވެ. ރާއްޖެއާއި ދުނިޔޭގެ ފެންވަރުގައި މަތީ ކާމިޔާބީ ހޯދާ މި އަތޮޅަށް ނިސްބަތްވާ ފަރާތްތަކަށް ޝަރަފު އެރުވުމެވެ. މި ހަފްލާގައި ޖުމްލަ 19 ފަރާތަކުން އެވޯޑް ހާޞިލު ކުރިއެވެ.

މި ހަފުލާ ޝަރަފުވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފޮރިންގ އެފެއާޒް، އޮނަރަބަލް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ. މިނިސްޓަރގެ އިތުރުން މި ޖަލްސާގައި ލޯކަލް ގަވާރމެންޓް އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަލްފާޟިލާ ފާޠިމަތު އަފްޝަން ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަލްއުސްތާޛު މޫސާ ސިރާޖާއި، ގަމު ދާއިރާގެ މެމްބަރު އަލްފާޟިލް މުޙައްމަދު ވިސާމާއި، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙުސައިން ޝަހީމު އަދި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް އަލްފާޟިލް ޙުސައިން އިސްމާޢީލް ބައިވެރިވެވަޑައިގެންނެވިއެވެ.