ލ.އަތޮޅުގައި ކުރިއަށްގެންދިޔަ ލެކްރެޑް ޕްރޮގުރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި.

ލެކްރެޑް (ލޯ އެމިޝަން ކްލައިމެޓް ރެސިލިއެންޓް ޑިވެލޮޕްމަންޓް) ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު 23 ނޮވެމްބަރ 2017 ވަނަ ދުވަހުގެރޭ 8:30 ގައި ލ.ގަމު އިހައްދޫ ސްކޫލްގައި ބާއްވައިފި އެވެ. މިރަސްމިއްޔާތުގައި ޔޫ.އެން ގެ ހުރިހާ އެޖެންސީ ތަކުގެ އިސްވެރިންނާއި، ސިކްސްސެންސަސް،ލާމު ގެ އިސްވެރިންނާއި، އަތޮޅު ކައުންސިލާއި، ރަށުކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިސްވެރިން އަދި ގަން ފޮނަދޫ ސަރަޙައްދުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މިރަސްމިއްޔާތު ފެއްޓެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝަރީފެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް ޢަބްދުﷲ މަޖީދެވެ. މިރަސްމިއްޔާތުގައި ޔޫ.އެން.ޑީ.ފީ އިން ލ.އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ދޫކުރި ސްމޯލްގްރާންޓް ލިބުނު ފަރާތްތަކަށް ސެޓްފިކެޓް ޙަވާލުކުރުމާއި، ލެކްރެޑް ޕްރޮގްރާމް ކުރިއަށްގެންދިއުމަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވާފައިވާތީ އަތޮޅު ކައުންސިލާއި، ރަށުކައުންސިލްތަކަށް ހަނދާނީ ފިލާ ޙަވާލުކުރުންވެސް ކުރިއަށްގެންދެވިފައިވެއެވެ.

ލެކްރެޑް  ޕްރޮގްރާމަކީ ޑެންމާރކް ސަރުކާރުގެ ހިލޭއެހީގެ ދަށުން ދިވެހި ސަރުކާރާއި، ޔޫ.އެންގެ 7 އެޖެންސީއަކާއި ގުޅިގެން ލާމު އަތޮޅަށް ޚާއްޞަ ކުރެވިގެން 2014 ވަނަ އަހަރުގެ މެއި މަހުގައި ފެށުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ލ. އަތޮޅުގައި ހިންގުނު މުހިއްމު ޙަރަކާތްތަކުގެ ތެރޭގައި 2017 އިން 2021 އަށް އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުން  ތައްޔާރު ކުރަންޖެހޭ ތަރައްޤީގެ ޕްލޭން ތައްޔާރު ކުރުމަށް ދަސްކޮށްދިނުމުގެ ގޮތުން ތަފާތު ވާރކްޝޮޕްތައް ބާއްވައި ޕްލޭން އެކުލަވާލުމަށް ދަސްކޮށްދިނުން ފާހަގަ ކޮށްލެވެ އެވެ. މީގެ އިތުރުން ކާރިސީ ހިރާސް ކުޑަކުރުމުގެ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކާއި، ރަށްރަށުގައި ކުނިމެނޭޖް ކުރާނެގޮތުގެ ޕްރޮގްރާމްތަކާއި، އަތޮޅުގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތައް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އެކިއެކި ޖަމްޢިއްޔާ ޖަމާޢައްތަކާއި ކައުންސިލްތަކުން ހިންގި ޚާއްސަ ބައެއް ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ދޫކުރެވުނު ސްމޯލްގްރާންޓް ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *