ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު ހައްދުންމައްޗަށް ވަޑައިގަންނަވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު މިއަދު މެންދުރުގެ ވަގުތެއްގައި ހައްދުންމައްޗަށް ވަޑައިގަންނަވައިފިއެވެ. އެމަނިކުފާނު ކައްދޫ އެއަރޕޯޓަށް ވަޑައިގެންނެވުމާއެކު އަތޮޅު ރައްޔިތުންގެ ފަރާތުން ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ.

އެމަނިކުފާނުގެ މިދަތުރުފުޅަކީ މި ނޮވެމްބަރ މަހުގެ 24 އިން 28 އަށް ލ.ފޮނަދޫ ގައި ބޭއްވުމަށް ހަމަޖެހިފައިވާ “ކުޑަކުދިންގެ ހައްޤުތަކާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމާބެހޭ ސެމިނާރ” ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. މިސެމިނާރ ގައި އަތޮޅުގެ ކޯޓްތަކުގެ ފަނޑިޔާރުންނާއި، ކަމާބެހޭ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި ގަމު ދާއިރާ އާއި ފޮނަދޫ ދާއިރާގެ މަޖިލީސް މެމްބަރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ގިނަ ޢަދަދެއްގެ މެމްބަރުންނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.