ހައްދުންމަތީ ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ބައްދަލުވުމެއް ބާއްވައިފި

ހައްދުންމަތީ ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ބައްދަލުވުމެއް 2022 މާރިޗް 05 ވަނަދުވަހު ބޭއްވުނެވެ. ހައްދުންމަތީ އަތޮޅުކައުންސިލްގެ އެދުރު ޢުމަރު މާލަމުގައި ހެނދުނު 8:00 ން ހަވީރު 4:00 އަށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި އަތޮޅުގެ 12 ސްކޫލަކުން ބައިވެރިވެފައިވެއެވެ. ބައްދަލުވުމުގެ ސެޝަންތައް  ފެސިލިޓޭޓް ކޮށްދެއްވާފައިވަނީ  އަލްފާޟިލް އަޙުމަދު ނަދީމެވެ. އަދި މިބައްދަލުވުމުގައި އަތޮޅު ކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީއާ، ސެކްރެޓެރީ ޖެނެރަލް ޔޫސުފް ޢާމިރު ބައިވެރިވެ ވަޑައިގެންފައި ވެއެވެ. 

ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވިފައިވަނީ އަތޮޅު ކައުންސިލްގެ އެކްޝަން ޕްލޭންގައި ހިމެނޭ ތަޢުލީމީ ދާއިރާއާ ގުޅުން ހުރި ޙަރަކާތްތައް ކުރިއަށް ގެންދާނެގޮތަކާ، ދުވަސްވަރެއް އަދި ތާރީޚްތަކެއް ކަނޑައެޅުމާ ބެހޭގޮތުންނެވެ. އަދި ތަޢުލީމީ ދާއިރާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސްކޫލްތައް ގިންތިކޮށް އެގިންތިތަކަށް ދޭނެ ފައިސާގެ ޢަދަދު ކަނޑައެޅުމާއި، ސްކޫލްތަކުގެ މެދުގައި ހިންގާނެ ކުޅިވަރާ، ޢަދަބީ ޙަރަކާތްތައް ހިންގާނެ ދުވަސްވަރެއް ކަނޑައެޅުނެވެ. މިގޮތުން ކުޅިވަރުގެ ދެ ޙަރަކާތަކާއި، ޢަދަބީ ދެ ޙަރަކާތެއް ހިންގުމަށް ވަނީ ނިންމާފައެވެ. އަދި މީގެއިތުރުން އަތޮޅުގެ 4 ދާއިރާއިން ސްކޫލްތަކުގައި ހުރި މައްސަލަތަކާއި، ކަންބޮޑުވުންތައް ހުށަހަޅާފައިވެއެވެ. މީގެ އިތުރުންވެސް އަތޮޅުކައުންސިލްގެ އެކްޝަންޕްލޭންގައި ހިމެނޭ އަތޮޅުގެ ސްކޫލްތަކުގެ މަހާސިންތާއަށް އަތޮޅުގެ 4 ދާއިރާއިން އެދާއިރަތަކުގެ ސްކޫލްތަކުގެ ޙާލަތު އެނގޭގޮތަށް ރިޕޯޓް ތައްޔާރުކޮށް ހުށަހެޅުމަށް ނިންމާފައިވެއެވެ.