ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެމިނަރ ބާއްވައިފި

ހައްދުންމަތީގެ ކުނި، އަތޮޅު ފެންވަރުގައި އަދި ރަށު ފެންވަރުގައި މެނޭޖްކުރުމަށްޓަކައި ހައްދުންމަތީ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ، މޯލްޑިވްސް ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓާ ގުޅިގެން އަތޮޅުކައުންސިލުން ރާވާ ހިންގި ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެމިނަރ ބާއްވައިފިއެވެ.  2202 މާރިޗް 21ން 22އަށް ފޮނަދޫ އިޖުތިމާޢީމަރުކަޒުގައި ކުރިއަށްގެންދިއަ މި ވޯކްޝޮޕް ފެސިލިޓޭޓް ކޮށްދެއްވާފައިވަނީ މޯލްޑިވްސް ކްލީން އެންވަޔަރަމަންޓްގެ ފަރާތުން ޕްރޮޖެކްޓް މެނޭޖަރ އަޙުމަދު ނިޒާމެވެ.

މި ވޯކްޝޮޕްގައި މިއަތޮޅުގެ ހުރިހާ ރަށެއްގެ ރަށުކައުންސިލުންނާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ، ކުނިކޮށިތަކުން 38 ބޭފުޅުން ބައިވެރިވެފައިވެއެވެ. އަދި މީގެ އިތުރުން އެންވަޔަރަންމަންޓް މިނިސްޓްރީންނާ، ބ. މާޅޮހު ކުރީގެ ރައީސް ޢަބްދުލް މަތީނު ޞާލިޙާ، ނ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ބަޝީރު ބައިވެރިވެ ވަޑައިގެންނެވިއެވެ. މި މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތު ގައި މަހާސިންތާގެ ބައިވެރިންނާ މުޚާޠަބު ކޮށް ހައްދުންމަތީ އަތޮޅުކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީ ދެއްކެވި ވާހަކަފުޅުގައި މީ ވަރަށް ކާމިޔާބު މަހާސިންތާއެއް ކަމަށާއި، މަހާސިންތާގައި ވަރަށް ފުރިހަމައަށް ރަށްރަށުން ބައިވެރި ވެފައިވާކަން ވަރަށް އުފަލާއެކު ފާހަގަކުރެއްވިއެވެ.   އަދި ނ.އަތޮޅު ކައުންސިލް ރައީސާ، ބ. މާޅޮހު ކުރީސްގެ ރައީސް މި މަހާސިންތާގައި ބައިވެރިވެ ވަޑައިގެން އެބޭފުޅުންގެ ތަޖުރިބާ ހިއްޞާކުރެއްވުމުގެ އިތުރުން، ދެއްވި މުހިންމު މަޢުލޫމާތުގެ ސަބަބުން މަހާސިންތާ އިތުރަށް ފުރިހަމަވެގެން ދިޔަކަމުގައި ވިދާޅުވެ އެބޭފުޅުންނަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ޚާއްޞަކޮށް ބ. މާޅޮހަށް 2 ބޭފުޅަކު ގޮސް ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދެއްވާފައިވާތީ އެކަން ފާހަގަކުރައްވާ ޝުކުރު އަދާކުރެއްވިއެވެ. މަހާސިންތާގެ ބައިވެރިންނަށް ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ ނ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ބަޝީރެވެ.